1 ޑިސެމްބަރު 2025 0 0

ދިވެހި ރުކާއި ހައިވަކަރު ގަހާ އެކު ވިލިމާލޭގައި 500 ގަސް އިންދައިފި

އއެޑްމިން12:12 2 މިނިޓު
A
ދިވެހި ރުކާއި ހައިވަކަރު ގަހާ އެކު ވިލިމާލޭގައި 500 ގަސް އިންދައިފި

ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ އެކި ތަންތަނުގައި 500 ގަސް އިއްޔެ އިންދައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ. އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގައި އިއްޔެ ހަވީރު ބޭއްވި އެ ހަރަކާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނަޒިމް އިބްރާހިމް އަދި ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، ގަސް އިންދަވާފައިވެ އެވެ.

މިނިސްޓްރީން ބުނީ ވިލިމާލޭގައި ބޭއްވި ހަރަކާތުގައި 100 ދިވެހި ރުއް ތިން ސަރަހައްދެއްގައި އިންދާފައިވާ ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ ހައިވަކަރު ގަސް ވެސް ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. ރައީސް މުއިއްޒު އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.

ސަރުކާރުން ބުނި ގޮތުގައި، އެ ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި 827,000 އަށް ވުރެ ގިނަ ގަސް ވަނީ އިންދައިފަ އެވެ.

ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ނަގަން ސަރުކާރުން ނިންމާފައި ވާތީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި އާންމުންގެ ފާޑުކިޔުން އެކަމަށް ވަރަށް ބޮޑަށް މި ދުވަސްވަރު ވަނީ އަމާޒުވެފަ އެވެ. އެ ނިކަގަސްތައް ނަގަން ނިންމީ، އޭގެ މުލުގެ ސަބަބުން އާންމުންގެ ގޭގެއަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ ލިބޭތީ ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް މުއިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން މިހާ އިސްކަންދިން ސަރުކާރެއް ނޯންނާނެ ކަމަށެވެ.

"ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާންމުންނަށް އުނދަގޫވާތީ ވިލިމާލޭގައި ދެ ނިކަގަސް ނަގާއިރު، އޭގެ ބަދަލުގައި އެ އަވަށުގެ އެކި ތަންތަނުގައި 300 ގަސް އިންދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

22 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ