28 ޖުލައި 2025 0 0

ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

އއެޑްމިން06:23 2 މިނިޓު
A
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މާދަމާ ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ރައީސަކު 19 އަހަރަށް ފަހު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި މާދަމާ ހެނދުނު ވަޑައިގެން އިންފަންޓީނޯގެ ޝެޑިއުލުގައި އޮތް އެންމެ މުހިއްމު ކަމަކީ ރައީސާ އެކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ. އެފްއޭއެމުން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށެވެ.

ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4-6 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެ އެވެ.

އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކައް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފަ އެވެ.

އެއް ދުވަހުގެ މި ދަތުރަށް ފަހު އިންފަންޓީނޯ މާދަމާ ރޭ ރާއްޖޭން ފުރާވަޑައިގަންނަވާނެ އެވެ.

ފީފާގެ ރައީސަކު މީގެ ކުރިން ރާއްޖެ އަށް ވަޑައިގެންނެވީ 2006 ގަ އެވެ. އޭރުގެ ރައީސް ސެޕް ބްލެޓާ ވަޑައިގަތީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.

އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމަކު އެ ފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.މިފަހަރު މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.

"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

30 ޖޫން 202601
އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިން ޓީމުން އިތުރު ތިން ޤައުމީ ރިކޯޑް އައުކޮށްފި

އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިން ޓީމުން އިތުރު ތިން ޤައުމީ ރިކޯޑް އައުކޮށްފި

29 އޮކްޓޯބަރު 202500
މެސީގެ ދެ ލަނޑާއެކު އިންޓަ މަޔާމީއަށް މޮޅެއް

މެސީގެ ދެ ލަނޑާއެކު އިންޓަ މަޔާމީއަށް މޮޅެއް

25 އޮކްޓޯބަރު 202500
ފީފާ އެރީނާއާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ރާއްޖޭގައި ހިންގަނީ

ފީފާ އެރީނާއާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ރާއްޖޭގައި ހިންގަނީ

25 އޮކްޓޯބަރު 202500
އިންފަންޓީނޯ އަށް ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން

އިންފަންޓީނޯ އަށް ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން

25 އޮކްޓޯބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ