އަހަރެންވެސް ހުއްޓާ، އަހަރެންގެ އަންހެނުން އަހަރެމެންގެ ސަތާރަ އަހަރުގެ އަންހެން ދަރިފުޅު ކައިރީގައި ބުނީ “ދަރިފުޅާ. ދަރިފުޅުގެ މުސްތަޤުބަލު ފިރިހެނަކަށްޓަކައި ޤުރުބާންކޮށް ނުލާތި. މަންމަ ދަރިފުޅުގެ ބައްޕައަށްޓަކައި މަންމަ ހާސިލުކުރަން ބޭނުންވާ ކަންތައް ދޫކޮށްލި ގޮތަށް ދަރިފުޅު ނުހަދާތި.
އެ ގޮތަށް އެކަން ކުރުމުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ކުރިމަތިވެ، އެކަމާ ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރެވެން ފެށުނު.
އަހަރެމެންގެ ކައިވެންޏަށް މިހާރު މިވަނީ ނަވާރަ އަހަރު ފުރިފައި. އަހަރެމެން ދެމަފިރިންގެ މިހާރު ތިން ކުދިން އެބަތިބި. އަހަރެމެންގެ ދޮށީ އަންހެން ދަރިފުޅު އޭލެވެލް ނިންމުމަށް ފަހު މިވަގުތު ދަނީ ޑިގްރީއަށް ކިޔެވުމަށް އުންމީދުކުރަމުން. ދަރިފުޅަކީ މޮޅު ކުއްޖެއް. ކުރިން އޭނާ ނިންމާފައި އޮތީ މެލޭޝިޔާއަށް ކިޔަވަންދިއުމަށް.
ގްރޭޑް 12 ގައި އުޅެމުން އޭނާ ކުއްޖަކާ ރައްޓެހިވީ. އެކަމާ އަހަރެމެން ދެކޮޅު ނުހަދަން. އޭނާ ރައްޓެހިވި ކުއްޖަކީ ގޯސްކުއްޖެއް ނޫން. މިހެންކަމުން އަހަރެމެން އެކަމާ ނުރުހުން ފާޅު ނުކުރީ. އޭގެ އިތުރަށް ދަރިފުޅުވެސް ދިޔައީ ރަނގަޅަށް ކިޔަވަމުން.
ނަމަވެސް، ދަރިފުޅުގެ މިހާރުގެ ވިސްނުން ހުރީ އަވަހަށް ކައިވެނިކުރަން. ކައިވެނިކުރުމަށްފަހު ކިޔެވުމާއިގެން ކުރިޔަށްދާން.
ދަރިފުޅުގެ އެ ޚިޔާލާ އަހަރެންގެ އަންހެނުން އެ ޚިޔާލާ މުޅިން ދެކޮޅު. އަހަރެންވެސް އެކަމުގައި އަންހެނުންގެ ވިސްނުމާ އެއްބަސް. އެއީ ފުރާވަރުގެ ކުދިން ކަމުން އަހަރެމެންގެ އަންހެން ދަރިފުޅު މުސްތަގުބަލަށް ލޮޅުމެއް އަރާފާނެކަމަށް ހީވުން.
ދަރިފުޅު ބުނެފި "ސާމިރު ބޭނުންވަނީ އަވަހަށް ކައިވެނިކުރަން. އެހެންވެ އަހަރެންވެސް އެކަމަށް އެއްބަސްވީ" ސާމިރަކީ އަހަރެންގެ ދަރިފުޅު ރައްޓެހިވެގެން އުޅޭ ކުއްޖާ.
އަހަރެންގެ އަންހެނުންގެ ޖަވާބަކީ “ތިޔައީ ފެށޭ ގޮތް. ފުރަތަމަ ކުޑަކުޑަ އެއް ގުރުބާނީއެއް، ދެން އަނެއް ގުރުބާނީއެއް، އަދި އިސާހިތަކު ދަރިފުޅުގެ ހުރިހާ ކަމެއް އެހެން މީހަކަށްޓަކައި ޤުރުބާންވެ ނިމިދާނެ. ފުރަތަމަ ކައިވެނި. ދެން ލިބޭނީ ކުދިން. ދެން އެ ކުދިންގެ ކަންތައްތަކުގައި"
އަހަރެންގެ އަންހެނުން އާރިފާ އެހެން ބުނުމުން ދަރިފުޅު މަންމަ ކުރެން އަހާލިއެވެ. "މަންމަ ބުނަން ތިއުޅެނީ ކީކޭ؟"
އެވަގުތު އާރިފާ އަހަންނާ ދިމާލަށް ބަލާލި. އަދި ބުނެލި “އަހަރެން ބޭނުންވީ ޓީޗިން ހަދަން. އެ ހިޔާލު ދޫކޮށްލީ ދަރިފުޅުގެ ބައްޕައަށްޓަކައި. އެކަން އެގޮތަށް ދަރިފުޅަށް ދިމާވުމަށް މަންމަ ދޫކޮށް ނުލާނަން. އެ ގޯހެއް ހަދަން ދޫކޮށްނުލާނަން."
އަހަރެން ސިހުނު. މޭތެރެއަށް އަލިފާން ހުޅުކޮޅެއް ހެރުނު ކަހަލަ.
އެތަނުގައި ސޯފާގައި އަހަރެމެންގެ ތިން ކުދިން އިށީނދެގެން އެވަގުތު ތިބި.
އަހަރެން ބުނިން. "އާރިފާ އެކަން ހިނގާދިޔަ ގޮތް އެންމެ ރަނގަޅަކަށް ނޫން އާރިފާ ތިޔަ ބުނީ".
ބަދަލުގައި އާރިފާގެ ޖަވާބަކީ “އެއީ ހަމަ އެކަން ހިނގި ގޮތް"
ކަން ހިނގި ގޮތް ކަމަށް އެ ބުނާ ކަމެއް ހިނގައިދިޔައީ މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން.
މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން އަހަރެންގެ އަންހެނުން ޓީޗިން ކޯސް ހެދުމަށް އިހުތިޔާރުކުރި. ނަމަވެސް، އެ ހިނދު އެނގުނީ އަހަރެމެންގެ ފުރަތަމަ ދަރިފުޅު ސާރާއަށް އާރިފާ ބަނޑުބޮޑުކަން.
އެ ދުވަސްވަރަކީ އަހަރެންގެ ބޮޑުބޭބެ ލަތީފުގެ ކޮންސްޓްރަކްޝަން ކުންފުނީގައި އަހަރެން މަސައްކަތް ކުރަން ފެށި ދުވަސްވަރު. މުސާރަ ބޮޑު ނޫން ނަމަވެސް އިތުރު ގަޑިތަކެއް ނަގައިގެން ރަނގަޅަށް މަސައްކަތްކޮށްފިނަމަ، ސުޕަވައިޒަރަކަށް ވުމުގެ ފުރުސަތު އޮތް. އެހެންވެ އަހަރެން ދިޔައީ ވީހާ ރަނގަޅަށް އެކުންފުނީގައި މަސައްކަތްކުރަމުން. މުސާރަ އެހާ ރަނގަޅު ނޫން ނަމަވެސް، ގަދައަޅައި މަސައްކަތްކުރިން.
އަހަރެންގެ މުސާރައިން އެއްފަހަރާ ޗައިލްޑްކެއާ އާއި ޓިއުޝަން އަދި ކުލި ދެވޭ ވަރަށް ނުލިބޭ.
ހާލަތު ދިމާކުރި ގޮތުން އަހަރެންގެ އަންހެނުން ކޯސް ފަސްކޮށްފި.
ކޯސް އެ ވަގުތަކަށް މަޑުޖައްސާލީކަމަށް އަހަރެންގެ ޒަމީރު ގަބޫލުކުރީ. އެއީ ވަގުތީ ކަމެއްކަމެއް ކަމަށް އަހަރެން ދެކެނީ.
އަހަރެން އާމްދަނީ ހޯދުމަށް ބޭރުތެރޭގައި އުޅޭއިރު ކުޑަދަރިފުޅު ސާރާގެ ކަންތައްތަކުގައި އާރިފާ އަވަދިނެތި އުޅުނު.
މާލީ ހާލަތު ރަނގަޅުވީމާ ކޯސް ފައްޓާނީ ކަމުގައި ދެކިގެން ތިބީ.
އެއީ ކަންވީ ގޮތްކަމަށް އަހަރެން ހަނދާން ހުންނަ ގޮތް.
އޭގެ ދެ އަހަރު ފަހުން އަހަރެމެންނަށް ދެވަނަ ދަރިއެއް ލިބުނު. ދަރިއެއް ހޯދަން ޕްލޭން ނުކުރި ކަމުގައިވިޔަސް، އިތުރު ދަރިއެއް ލިބުމުން އަހަރެމެން އުފާވި. އަނެއްކާވެސް އާރިފާގެ ކޯސް ފަސްކުރީ.
އަހަރެމެންގެ ތިންވަނަ ދަރިފުޅު ނުވަތަ އެންމެ ހަގު ކުއްޖާ އުފަންވިއިރު އަހަރެން ވަނީ ޕްރޮޖެކްޓް މެނޭޖަރަކަށް ވެފައި.
ދޭރެއަކުން އާރިފާގެ ކޯހުގެ ވާހަކަ ދެކެވުނު ނަމަވެސް އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެ ކޯސް ދިޔައީ ފަސްކުރެވެމުން. އިތުރު ދަރިއަކަށް ބަލިވެއިނުން، ނަގާފައިވާ ދަރަންޏެއް ދައްކައި ނިންމަން ޖެހުން، އަދި އެންމެ ހަނގު ދަރިފުޅުގެ ސްޕީޗް ތެރަޕީއަށް ހަރަދުކުރަންޖެހުން ފަދަ އެތައް ކަމެއް.
ދުވަހަކުވެސް ކޯސް ނުހަދަން އަހަރެން ނުބުނަން. ހަމަ އެކަނި ކޯސް ފަސްކުރީ. ކޮންމެވެސް ކަމެއް ދިމާވެގެން. އަހަރެން ގަބޫލުކުރަނީ އާރިފާވެސް ރުހިގަބޫލުކަމަށް ކޯސް ފަސްކުރަން. އެއީ އެކަމުގެ ޝަކުވާ އާރިފާ ނުކުރޭ.
އާރިފާ ކޯސް ހެދުމަށް އަހަރެންވެސް ބޭނުންވި. ނަމަވެސް، ހާލަތު ދިމާވީ ގޮތުން ކޮންމެ ފަހަރަކުވެސް ފަސްކުރަން ޖެހުނީ. އެވާހަކަ އެވަގުތު ބުނުމުން އާރިފާގެ ޖަވާބަކީ "ނޫނެކޭ އިބުރާހީމު ނުބުނޭ. ފަސްކުރަން އެދުނީ. އެކަން އަހަރެން އެ ގޮތަށް ކުރީ. އެކަމަކު އާހިރުގައި އަހަންނަށް މި ދިމާވި ހާލަތު އަހަރެންގެ ދަރިފުޅަށް ދިމާ ނުވާން އަހަރެން ބޭނުންވީމާ، މިއަދު މިވާހަކަ މި ދެކެވުނީ"
އެ ހިނދު އާރިފާ ޕާޓްޓައިމް ޕްރޮގްރާމަކަށް އެޕްލައި ކުރި އަހަރު އަހަންނަށް ހަނދާންކޮށްދިން. ކްލާސްތައް ކުރިއަށް ދިޔައީ ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު ހަވީރު.
ކޮންމެ ހަވީރަކު އެއްގަޑީގައި ގެއަށް އައިސް ދަރިފުޅު ކައިރީގައި މަޑުކޮށްލެވޭނެ ޔަގީންކަމެއް އަހަންނަކަށް ނުދެވުނު. ކްލާސް އޮންނަ ދުވަސްތަކުގެ ހަވީރު ގެޔަށް ދެވޭ ގޮތަށް ހަމަޖައްސައިދިމުށް ބޮޑުބޭބެ ކައިރީގައި ބުނަން އަހަރެން ޖެހިލުންވި. ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެސް ހީވީ.
އަހަރެންގެ މަންމަ އަދި އޭނާގެ މަންމައަށްވެސް ހާލަތުހުރި ގޮތުން އަހަރެމެންގެ ދަރިފުޅު ބެލުމުގެ ކަންތަކުގައި އެހީތެރިކަމެއް ވެދެވޭ ގޮތެއް ނުވީ.
އެންމެ ފަހުން އަހަރެންގެ އަންހެނުން އޭނާގެ އެޕްލިކޭޝަން އަނބުރާ ގެންދިޔައީ.
އަހަރެން އަސްލު ހީކުރީ އެއީ އޭނާގެ ނިންމުމެއް ކަމަށް. މިހުރިހާ އަހަރުތަކެއްގައިވެސް އަހަރެން ހުރީ އެގޮތަށް ނިންމައިގެން. އެކަމަކު މިއަދު މިކަމުގެ ހަގީގަތް މި ހާމަވީ.
އާރިފާ ބުނި "ހުރިހާ ކަމެއްގެ ހައްލަކަށްވީ އޭނާ ބޭނުންވާ ކަންތައް ދޫކޮށްލައި އޭނާ ގުރުބާންވުން ކަމަށް. ދަރިން ބެލުމުގެ ޒިންމާ. ކެއުން ތައްޔާރުކުރުމުގެ ޒިންމާ. އަންނައުނު ދޮވެ އިސްތިރިކުރުމުގެ ޒިންމާ"
އަހަރެންގެ ވަޒީފާ މުހިންމު. އޭނާގެ ކޯސް މުހިންމު ނުވެ ކޮންމެ ފަހަރަކު ފަސްކުރީ.
ޖަވާބުގައި އަހަރެން ބުނިން "އާމްދަނީ ހޯދައި ގެޔަށް ބޭނުންވާ ތަކެއްޗާއި ދަރިންގެ ހަރަދުގެ ޒިންމާ އަހަރެން އުފުލީ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ ޗުއްޓީއެއްވެސް ނުނަގައި. އަހަރެން މަސައްކަތް ކުރަމުން ދިޔައީ ގާތްގަނޑަކަށް މުޅި ހަތަރުދަމު."
އޭނާގެ ޖަވާބު ވަރަށް ކުރު "އެކަން އަހަރެން ގަބޫލުކުރަން"
ދެން އޭނާ ސުވާލެއް ކުރި.
"އިބުރާހީމަށް މަސައްކަތްކުރުމުގައި އަހަރެން ދިން އެއްބާރުލުމޯ؟ އިބުރާހީމަށް އަހަރެން ބަރާބަރަށް އެއްބާރުލުން ދިނީމެއްނު. އުނގުގައި ކެނޑިނޭޅި ކުދިން ބަލަމުން، އިބުރާހީމަށް އެއްވެސް ކަމެއް މަދު ނުކުރަން. ނުވިތާކަށް ޝަކުވާއެއްވެސް ނުކުރަން"
ޖަވާބުގައި އަހަރެން ބުނީ "އާރިފާ. އެއީ ދެމީހުންވެސް ވީ ގުރުބާނީއެއްނު"
މީގެ އިތުރަށް ދަރިންނާއެކު ހޭދަކުރާނެ ވަގުތެއް ނުލިބި ހުއްޓާ ދަރިން ބޮޑެތިވީމާ، އެކަމާ ދެރަވާކަމަށް ބުނިން.
"އަހަރެން އާއިލާއާއި ދިރިއުޅުން ދޫކޮށްލީކީ ނޫން. އާއިލާއަށް ހަރަދުކުރުމަށް ބުރަކޮށް މަސައްކަތްކުރަން މަޖުބޫރުވީ. އަހަރެންނަށް ލިބުނު ހުރިހާ ފައިސާއެއް ހަރަދުކުރީ ހަމަ ދަރިންގެ ހައްގުގައި. ބޭކާރު ހަރަދު ނުކުރަން. އަހަރެންނަށް ލިބުނު ހުރިހާ އެއްޗެއް ހޭދަކުރީ މިގޭގެ ކަންކަމުގައިކަން އާރިފާއަށް ރަނގަޅަށް އެނގޭނެ" އަހަރެން ބުނިން.
ޖަވާބުގައި އޭނާ ބުނި "އިބުރާހީމާށް ވަޒީފާގެ ކުރިއެރުން ލިބުނެއްނު. އެކަމާ އަހަރެން އުފާކުރަން. އިބުރާހީމަކީ ގަދައަޅައި މަސައްކަތްކުރާ ފިރިއެއްކަން އަހަރެން ގަބޫލުކުރަމޭ"
އެހިސާބުން އާރިފާގެ އަޑު ތަންކޮޅެއް ބާރުވެ ވާހަކަ އިތުރަށް ގޯސްވި. އާރިފާގެ ހިތްހަމަ ނުޖެހުން އަހަންނަށް އިހުސާސްކުރެވެން ފެށުނު. އަހަންނަށް އާރިފާއާ މެދު ދެރަކޮށް ކަންތައް ކުރެވިފައިވާ ކަމުގެ އިހުސާސްވެސް ކުރެވިގެން ދިޔަ.
"އާރިފާ ނަވާރަ އަހަރު އެ ވާހަކަ ނުދައްކާ މަޑުކުރީ މިއަދު އަހަރެންގެ ބޮލުގައި އެ އިލްޒާމު އަޅުވަންތަ؟" އަހަރެން ސުވާލުކުރިން.
އަހަރެން ހަނދާންވާ ފެށި. އެކި ގޮތްގޮތަށް އޭނާ ދިޔައީ ފާއިތުވީ ހުރިހާ އަހަރެއްގައިވެސް އެވާހަކަ ދައްކަމުން. ސީދަލަށް ނުބުނި ކަމުގައި ވިޔަސް.
"އަހަރެން ބޭނުންވި ދިރިއުޅުން އާރާސްތުކުރަން. ދަރިން ލިބުނީމާ އިންތިހާއަށް އުފާވެސްވި. އޭގެ މާނައަކީ އަހަރެންގެ ހުވަފެންތައް ބިލާހަކަށްވުންތަ؟" އޭނާ ނުރުހުމުގައި ސުވާލުކުރި.
ރައްދުގައި އަހަރެމެންގެ ދަރިން ލިބުމުން ހިތާމަކުރަންތޯ އަހަރެން ސުވާލުކުރީމެވެ.
އޭނަ ރުޅިގަދަވި. ކޮންމެ ފަހަރަކު ގުރުބާންވާން ޖެހުނީ އޭނާކަމުގައި ބުނި.
އެރޭ އަހަރެން ނިދީ ސިޓިން ރޫމުގައި.
ޖެހިގެން އައި ދުވަހު ހެނދުނު ދަރިފުޅު ސާރާ ހުރީ އަހަރެންދެކެ ނުރުހުންވެފައިކަން އަހަންނަށް އެނގުނު. ދަރިފުޅު ގާތުގައި އާރިފާ ވާހަކައެއް ދައްކައިގެން ދަރިފުޅު ނުރުހިއްޖެކަމަށް ހީވާން ފަށައިފި. އަހަރެންގެ ގޭގައި އަހަރެން ބާކީވެއްޖެކަމުގެ އިހުސާސްކުރެވުނު.
އާރިފާ ކައިރީގައި އަހަރެން ބުނެލިން "އަހަރެމެން ދެމީހުގެ ދޭތެރޭގައި ދިމާވާ މައްސަލަތައް ދަރިންނަށް އަންގަނީ ކީއްކުރަން؟" އަހަރެންގެ އަންހެނުން ގާތު ބުނީ އަހަރެމެންގެ ކައިވެންޏުން ހައްލު ނުކުރެވޭ މައްސަލަތަކުގައި އަހަރެމެންގެ އަންހެން ދަރިފުޅު ޝާމިލް ކުރުމުގެ ހައްގެއް ނެތް ކަމަށެވެ.
ޖަވާބުގައި އާރިފާ ބުނީ "އަހަރެންގެ ދަރިފުޅު ތަކުރާރުކުރަން އެ ތައްޔާރުވަނީ އަހަރެން ހެދި ގޯސް. އެހެންވީމާ، ކަންކަން ރަނގަޅުކަމަށް ނިންމާފައި ހަނު ހުންނަން އަހަންނަށް ވަރަށް އުނދަގޫ"
ދެން އޭނާ އަހަންނަށް ދެއްކީ ޓީޗިން ކޯހަށް އޭނާ ހޮވުނު ކަމަށް އޭނާއަށް ލިބިފައިވާ ލިޔުން. މީގެ ކުރިން އަހަރެން އެ ނުދެކެން. މިހުރިހާ އަހަރެއްގައި އޭނާ އެ ބޭއްވި. ބަދިގެ ތެރޭގައި އޮތް ރެސިޕީ ފޮތެއްގެ ތެރެއަށް ލާފައި އޮތީ.
އަދިވެސް އޭނައަށް އެ އޮތީ ކީއްވެތޯ އަހާލީމާ އޭނާ ބުނީ، އޭނާއަކީވެސް އެއް އިރެއްގައި ކަންކަން ހާސިލުކުރެވިދާނެފަދަ ލަޔާގަތެއް ހުރި މީހެއް ކަމުގެ އިހުސާސް އެ ލިޔުން ފެންނަ ކޮންމެ ފަހަރަކު ހަނދާވާތީ ބޭއްވީ ކަމަށާއި ދޭތެރެއަކުން އެ ބަލާލާކަމަށް.
އެކަމާ ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނު.
ނަމަވެސް އަދިވެސް އަހަންނަށް ގަބޫލެއް ނުކުރެވޭ، ކޯސް ކުރިޔަށް ނުގެންދިއުމުގެ ޒިންމާ އަހަރެން އުފުލަންޖެހޭކަމަށް. ކައިވެނި ކުރި އިރު އަހަރެމެން ދެމީހުންގެ އުމުރުންގެ ހަނގު. މާލީ ގޮތުންވެސް ތިބީ އުނދަގޫ ހާލަތެއްގައި. އަހަރެން ގަސްދުގައި އެއްވެސް ކަމެއް ގޯސްކުރަން ނޫޅެން.
އެކަމަކު އަހަރެން ގަބޫލުކުރަން. އަހަރެމެން ދެމީހުންގެ ދިރިއުޅުމުގައި ގިރާކުރެވުނު ގިނަ ކާމިޔާބީތަކުގެ ފަހަތުގައިވަނީ އޭނާވި ގުރުބާނީ. އޭނާ ހަދަންބޭނުންވި ކޯސް ނުހަދައި ދޫކޮށްލީ އަހަންނަށްޓަކައި. އެކަމަކު އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ހީކުރީ ދެމީހުން ރުހި ގަބޫލުވެ ހުރިހާ ކަމެއްވެސް ނިންމަމުން ދިޔައީ އޮމާންކަމާއެކު ކަމަށް.
އެކަމަކު އަހަންނަށް ވިސްނެން ފަށައިފި، އޭނަގެ ގުރުބާނީގެ ކޮންމެ ފައިދާއެއް އަހަރެން ގަބޫލުކުރީ އަދިވެސް އެކަން ކުރަމުން ގެންދިއުމަށް އެއްބަސްވީތޯ ބެލުމެއް ނެތި. އަހަރެން އަބަދުވެސް ވައުދުވީ އަހަރެމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލު އައިސް ތަފާތުވާނެކަމަށް".
މަންމަގެ މުސްތަޤްބަލް އަހަރެން ގުރުބާންކުރި ކަމަށް އަހަރެންގެ ދަރިންނަށް ހީވާކަށް އަހަރެން ބޭނުމެއް ނޫން. އެ އިހުސާސަކީ ވޭންހުރި އިހުސާސެއް. ކަންކަން ގޯސްވީ ހިސާބެއް އަހަރެންގެ ބުއްދިއަކަށް ވިސްނިފައި ނުވެސް ނެތް. މިކަމުގައި އަހަރެންގެ ކުށަކީ ކޮބާ؟ އަދި މިކަމުގައި އާރިފާގެ ކުށަކީވެސް ކޮބާ؟
ނަވާރަ އަހަރުވަންދެން އަހަރެން ގަބޫލުކުރީ އެ ނިންމުމަކީ ދެމީހުންގެ ނިންމުމެއްކަން.
އަހަރެމެންގެ ދަރިފުޅު ސާރާގެ ހަޔާތަކީ ބާއްޖަވެރި ހަޔާތަކަށްވާން އަހަރެން އިންތިހާއަށް ބޭނުން. ސާރާގެ ހުވަފެން ހަގީގަތަކަށްވުމަށް އަހަރެން ބޭނުން.







ކޮމެންޓުތައް (0)