ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް މަތިވެފައިވާއިރު އޭސީސީގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ނުކުރުމުގެ ޝަކުވާ ރައްޔިތުން ކުރޭ. ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރުވެސް ވަރަށް އަސަރާއެކު ދެއްކީ ކޮރަޕްޝަން މަތިވެ، ރައްޔިތުން ބިކަވެ ނިކަމެތިވަމުންދާ ވާހަކަ. އޭނާ ވިދާޅުވީ ވަނީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ސަރުކާރުތަކަށް ވެރިކަން ލިބޭއިރަށް ނާޖާއިޒު ގޮތުގައި މުއްސަނދިކަން ހޯދާ ގޮތުގެ އަސްލު އެ ތަފާސްހިސާބުން ހާމަވެގެންދާކަމަށް.
ތަކެތީގެ އަގު އުފުލި، ޑޮލަރުގެ ރޭޓް ކޮންޓްރޯލުން ނެއްޓި ގައުމު އަދަވަޅަކަށް ވެއްޓެމުންދާއިރު، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އެއްވެސް ހައްލެއް ލިބި ހޯދިފައި ނުވާ ކަން އެންމެންވެސް ގަބޫލުކުރޭ. ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެ ވާ ވައުދާއި ވާހަކަ އިވިއިވި ރައްޔިތުން ފޫހިވެއްޖެ. ޑރ. މުއިއްޒު ކޮންމެ އިންޓަވިއުއެއްގައި އެތަކެއް ވައުދުވަމުން ދާއިރު، ކުރިންވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމުގެ ވާހަކަ ގިނަ ގިނައިން އަޑުއިވޭ.
މެންބަރު ހުސެންބެ ވިދާޅުވީ މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރާތީ، ނުހައްގުން މުއްސަދިވުމާއި، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުކުރާ މީހުންނާމެދު ފިޔަވަޅު ނޭޅޭކަމަށް.
ހުޅުމާލެ ފޭސް 2 ގެ ކެފޭއެއްގެ ތެރެއިން ރޭ ދިމާވި މީހަކު ބުނީ ކޮރަޕްޝަނާއި ވައްކަން ސީދާ ގުޅިފައިވަނީ އެންމެ މަތީ ވެރިންނާ ހިސާބަށް ކަމަށް. އޭނާ ވަޒީފާއިން ވަކި ކުރީ ކޮރަޕްޝަންގެ ވާހަކަ ރައީސާ ހިއްސާކުރުމަށް ކުރި މަސައްކަތާ ގުޅިގެން ކަމަށް. ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޭރު ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމެއްގައި އޭނާ އެ ވާހަކަ ދެއްކި. އެކަމުގައި އެއްވެސް ހައްލެއް ލިބުނުތޯ އޭނާއާ ސުވާލުކުރުމުން ބުނީ އެއްވެސް ވަރަކަށް އަޅައިނުލާކަމަށް.
ޑޮލަރުގެ ރޭޓާ ގުޅިގެން ތަކެތީގެ އަގު އުފުލެމުން ދިއުމުގެ އިތުރުން، ބޭރުން އަގުހެޔޮކޮށް ބައެއް މީހުންނަށް އަމިއްލަ ބޭނުމަށް ތަކެތި ގަތުމަށް ހުރަސްއަޅާފައި އޮންނަތާވެސް އަހަރުތަކެއް މިވަނީ ވެފައި. އެކަމާ ސުވާލުކުރުމުން ލިބޭ ޖަވާބަކީ އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް. އެކަމަކު ހަގީގީ މައްސަލައަކީ ދައުލަތުގެ ހަރަދު ބޮޑުވެ، އިސްރާފު ބޮޑުވެފައިވާ އިރުވެސް، ކޮރަޕްޝަންގެ ތެރެއިން ވެރިން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަ. މި މައްސަލާގައި މެންބަރު ހުސެންބެ ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އޭނާގެ ދާއިރާގެ ރައްޔިތުން އެކަމާ އޭނާއަށް ތައުރީފުކުރި.









ކޮމެންޓުތައް (0)