2016 ވަނަ އަހަރު މުސްކާނާއި ސައުރާބް ކައިވެނިކުރި. ކައިވެނި ކުރިތަނާހެން ސައުރާބް އޭރު އަދާކުރަމުން ދިޔަ ނޭވީގެ ވަޒީފާދޫކުރީ މުސްކާނާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ނިޔަތުގައި. ދެމީހުންގެ ކައިވެންޏާމެދު ސައުރާބްގެ އާއިލާއިން ގަބޫލުނުވޭ. އޭގެ އިތުރަށް އޭނާ ވަޒީފާއިން ވަކިވުމުން އެމީހުންގެ ނުރުހުން އިތުރުވި. މިހެންކަމުން، މި ދެމަފިރިން ކުލީ ކޮޓަރިއަކަށް ބަދަލުވި އަދި 2019 ވަނަ އަހަރު ދެމީހުންނަށް އަންހެން ދަރިއަކު ލިބުނު.
ދުވަސްކޮޅަކު އުފަލުގައި އުޅުމަށްފަހު، ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހެން ފެށުނީ ސައުރާބްގެ ގާތް އެކުވެރިޔާ ސާހިލްއާ މުސްކާން ގުޅުމެއް ބާއްވާކަން ފަޅާއެރި ހިސާބުން. ދަރިފުޅުގެ ހައްގުގައި ކައިވެނީގައި ދެމިހުރުމަށް ސައުރާބް ނިންމި. 2023 ގައި ސައުރަބް ވަޒީފާއަށް ގައުމުން ބޭރަށް ދާންޖެހުނު. އޭނާ ދިޔައީ ލަންޑަނަށް. މިދަނޑިވަޅުގައި މުސްކާން ދިޔައީ ސާހިލްއާ އޮތް ގުޅުން ދަމަހައްޓަމުން ސައުރަބްއަށް ބޭވަފާތެރިވަމުން.
ދަރިފުޅުގެ 6 ވަނަ އުފަންދުވަހަށް ސައުރާބް އިންޑިޔާގެ މީރޫތު އަވަށަށް އައީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ގައި.
މާޗް 3 ވަނަ ދުވަހު، މުސްކާން އޭނާގެ ފިރިމިހާ ސައުރާބްގެ ކާއެއްޗިއްސަށް ނިދާބޭސް އެޅި. އިސާހިތަކު އޭނާ ނިދިޖެހި ތަންޑާވި. ދެން މުސްކާނާއި އޭނާގެ ލޯބިވެރިޔާއާ ދެމިހުންވެގެން ވަޅިން ސައުރާބު ފޮތިކުރި. އަދި ނޫކުލައިގެ ބޮޑު ޓައްޕެއްގެ ތެރެއަށް އޭނާގެ ގުނަވަންތައް ވަކިކޮށް އަޅައިފި. އޭގެ ތެރެއަށް ސިމެންތިއާއި ފެންއަޅައި ބަންދުކުރި.
ޖެހިގެން އައި ދުވަހު ދެ މުރުޖިމުން ދިޔައީ ހިމާޗަލް ޕްރަދޭޝްއަށް. އަދި ސައުރާބްގެ ފޯނުން އޭނާގެ އާއިލާއަށް ދިޔައީ މެސެޖުކުރަމުން. ބޭނުމަކީ އޭނާ ދިރިހުރިކަމަށް ހަދައި އެމީހުންނަށް އޮޅުވާލުން.
މާޗު މަހުގެ މެދުތެރޭގައި ސައުރާބުގެ އާއިލާ އާއި އަވަށްޓެރިންނަށް އޭނާ އެއްވެސް ގޮތަކަށް ނުފެންނާތީ ޝައްކުކުރެވެން ފެށީ. މުސްކާނާއި ސައުރާބުގެ ދަރިފުޅު އެއް ދުވަހަކު ބުނެފި "ބައްޕަ އޮތީ ބެރުތެރޭގައި".
މާޗު 17 ވަނަ ދުވަހު ފުލުހުން ބެރު ފަޅާލި އަދި މުސްކާނާއި ސާހިލް ހައްޔަރުކުރި. މި މީހުންގެ މައްސަލާގެ ފައިލު އެއްހާސް ސަފުހާއަށްވުރެ ދިގުކަމުގައިވޭ. ސައުރާބުގެ ޕޯސްޓްމޯޓެމް ރިޕޯޓުންވެސް އޭނާ މަރާލީ ކިހިނެއްކަން ސާބިތުވި. 34 ހެކިން އެ މައްސަލާގައި ހެކިބަސްދީފައިވޭ.
މުސްކާން ޖަލު ބަންދުގައި ވަނިކޮށް ދަރިއަކު ވިހާފައިވޭ. އެއީ ކާކުގެ ދަރިއެއްތޯ ބެލުމަށް ޑީއެންއޭ ރިޕޯޓުހެދުމަށް ސައުރާބްގެ އާއިލާއިން ބޭނުންވޭ.





ކޮމެންޓުތައް (0)