މާލޭގެ އެކި ތަންތަނުގައި، ޕޭމަންޓްތައް މަތީގައި، ޕާކުތަކުގެ ތެރޭގައި، ޕާކިން ޒޯނުތަކުގެ ތެރޭގައި އަދި ބައެއް ގެތަކުގެ ދޮރު ބުޑުގައި ތަށިތަކަށް ކާތަކެތި އަޅާ، މަގުމައްޗަށް ފެތުރިފައި ހުރޭ. މި ދައްކަނީ ބިދޭސީންތަކެއް އިސްވެތިބެ، އިންތިޒާމުކޮށްގެން ހިންގާ ބުޅާ އާލާކުރުމުގެ ހަރަކާތެއްގެ ވާހަކަ. މިކަމުގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލައެއް ދިމާވެ، އަރައިރުންވެ، އެކިއެކި ބަލިތަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހުށަހެޅިގެންދޭ. މިކަމުން ގެއްލުން ލިބޭ ފަރާތްތަކަށް މިކަމުގެ އިންސާފެއް ނުލިބޭ. މިކަންކަން ރިޕޯޓުކުރިޔަސް ފުލުހުންނަށް ވާ ކަމެއް ނޯވޭ. އެމީހުން އަންގަނީ ޖަނަވާރުތަކާބެހޭ މިނިސްޓްރީއަށް އެންގުމަށް. އެތަނުން ފޯނު ނުނަގާ އެެއްގޮތަކަށްވެސް. އެޗްޑީސީއަށް މިކަންކަމާގުޅޭ ގޮތުން ލާ ސިޓީއަކަށް ޖަވާބުވެސް ނުލިބޭ. އެޗްޑީސީއިން އަންގަނީ 10 ދުވަހުގެ ތެރޭގައި ޖަވާބު ލިބޭނެކަމަށް. ނަމަވެސް މަސްތަކެއް ފާއިތުވެގެންދާއިރު ޖަވާބެއް ނުދޭ.
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގެ ތިރީގައި އަދި ވިނަރެސްގެ ބައެއް ޓަވަރުތަކުގެ ތިރީގައި މި ޖަމާއަތުން މިކަން ކުރަމުން ދޭ. އެ ޖަމާއަތާ ގުޅިފައިވާ މީހުން ރާއްޖެ އެބަ އާދޭ ބުޅާ ކާތަކެތި ހިފައިގެން. ބައެއް ފަހަރު އެކަން ކުރަނީ ދަންވަރު. މިކަމަށް ބޭނުންވާ ތަކެތި ހޯދުމަށް އެމީހުން އެކި ގޮތްގޮތުން ފަންޑު ހޯދާ. ފަންޑު ދޭ މީހުންގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބައެއް ބިދޭސީން ހިމެނޭ. އަދި މިކަންކުރުމަށް ދިވެހި ޒުވާނުން ރީކްރޫޓްކޮށް ޗަންދާއެއް ދޭ. މިކަމުގައި އެހާ ފޯރިއެއް ހުންނަނީ އެގޮތަށް ފައިސާ ލިބޭތީކަމަށް ގިނަ ބަޔަކު ދެކޭ.
ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވެގެން އެކަން އެގޮތަށް ނުކުރާން އެންގުމުން، އިންޒާރުދީ ބިރުދައްކާ ހަދާ. އެޗްޑީސީއާއި ވެމްކޯގެ މުވައްޒަފުންނަށްވެސް ބިރުދައްކާ ހަދާ. އެމީހުންގެ ވިސްނުމަކީ އެތަންތަން ސާފުކޮށް ހެދުމަށް އެޗްޑީސީ އާއި ވެމްކޯގެ މުވައްޒަފުންނަށް މުސާރަދީފައި ތިބޭނެކަމަށް. މި މުއައްސަސާތަކުގެ ވެރިންވަނީ މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި އަޅާ ހުރަސްތަކަށް ބީރުކަންފަތެއް ދީފައި. މިފަަދަ ކަންތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް. މިކަންކަމަށް ނަސޭހަތްތެރިވާ އާންމު މީހާއާ މެދު ފުލުހުން ފިޔަވަޅު އަޅާފައިވެސް އެބަހުރި. ފުލުހުންނަށް މިކަން ނުހުއްޓުވޭ ހިނދު، މިކަމުގައި ފުލުހުންގެ އެހީތެރިކަމަށް އެދޭ މީހާއަށް ފުލުހުންނަށް އިންސާފު ހޯދައި ނުދެވޭއިރު، ދެން މިއަށްވުރެ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ކަންކަން ހުންނަ ގޮތާމެދު ސުވާލު އުފެދޭ. ސިޔާސަތުތަކާއި މުއައްސަސާތައް ފެއިލްވެފައިވާ ގޮތުގެ ކުޑަ މިސާލެއް.

ފޮޓޯގައި މިވަނީ ބުޅަލަށް ކާންދޭން މާލޭގެ ޕާކެއްގެ ތެރޭގައި ސަފަކަށް އަތުރާފައިވާ ތަށިތަކެއް. މިސަފުގައި 15 ތަށި ހުރި. މިކަމުގެ ހައްލުހޯދާނެ ބަޔަކު ނެތް. މިކަމުގެ އަޑީގައި އޮތީ ޖަނަވާރުންގެ ހައްގުގައި ވަކާލާތުކުރާ ފަރަންޖީ ޖަމާއަތެއް.
އަހަރެމެންނަކީ ފަހުރުވެރި މުސްލިމުންނަށް ވާއިރު، ސާފު ތާހިރުކަމާއި އަވަށްޓެރިޔާގެ ހައްގާ މެދު ދީނުގައި އޮތީ ކީކޭތޯ އެނގޭބާ؟ ބުޅަލަށް ކާންދިން އަންހެނަކު ސުވަރުގެ ދިޔަ ވާހަކަ ނޭނގޭ މީހަކު މިރާއްޖެއަކު ނެތް. ސާފުތާހިރުކަމާއި އާންމު އިޖުތިމާޢީ މިންގަޑުގެ ކަންކަން ދީނުގައި ބަޔާންވެފައިވަނީ ކިހިނެއްތޯ ހަމަ ނޭނގި ތިބެތޯ އެ ގޮތަށް ޖަދަލު އެކުރަނީ.
އަހަރެމެންނަށް ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ ބުޅަލާމެދު ވަކި ގޮތަކަށް އަމަލުކުރުމަށް، ބުޅާގެ ނުވަތަ ފެސިލިޓީ ހަދައި އެކަމަށް ބޮޑު ސިންގާކޮށް މިލިއަނުން ފައިސާ ހަރަދުކޮށް، އެކަމާ ސަރުކާރުގެ މުއައްސަސާތަކުގެ ދެމެދުގައި ހިޔާލު ތަފާތުވެ، އެތަން ހުއްޓި، އޭގެ އިތުރަށް ބުޅަލަށް ވަކި ރަށެއް ގާއިމުކުރުމުގެ އިތުރު ވައުދެއް އުފަންވެގެން ދިއުމަކީ ދިވެހިންގެ ދިރިއުޅުމަށް ކުރިން ދެންނެވި ފަރަންޖީ ޖަމިއްޔާގެ ނުފޫޒު އޮތް މިންވަރު. މި މައްސަލައަކީ އަވަސް ހައްލެއް ނުހޯދައިފި ކަމުގައި ވަނީނަމަ އިންތިހާއަށް ނުރައްކާތެރިކަމެއް.
މާލެ ސަރަހައްދުގައި ވަޒީފާއަދާކުރާ ބިދޭސީ ބައެއް މުވައްޒަފުންވެސް މި ޖަމާއަތާ ގުޅި މަގުމައްޗަށް ކާންއެޅުމުގެ ހަރަކާތުގައި ބައިވެރިވޭ. މީގެ ތެރޭގައި އިންޑިޔާ، ސްރީ ލަންކާ މީހުން އުޅޭ. މާލެއާއި ހުޅުމާލޭގެ އެކިއެކި ތަންތަނަށް ބުޅާ ކާތަކެތި އަޅާ ސްރީ ލަންކާ މީހާ އަކީ ވަރަށް ގިނަ މީހުން ދަންނަ ގޮތުން އެކަން ކުރުމުގައި އޭނާގެ ވަރަށް ގިނަ ވަގުތު ހޭދަކުރާ މީހެއް. އަދި ސެލޫނެއްގައި މަސައްކަތްކުރާ ތައިލެނޑުގެ އަންހެނަކު ފޭސް 2 ގެ އެކި ސަރަހައްދުތަކަށް ކާންއަޅާ. އަދި މާލޭގައި ދިރިއުޅޭ މިޖަމާއަތުގެ މީހުން ފޭސް 2 ގެ ޓަވަރުތައް ކައިރީގައި ކާތަކެތި އަޅާ ސަރަހައްދު ހަޑިވާ ގޮތަށް އަމަލުތައް ބަހައްޓާ.
ދާދިފަހުން ދިމާވި ކަމެއް. އެންމެނަށް އެނގޭކަމެއް. އޭނާގެ އާއިލާއަށް ވެސް ކެނޑިނޭޅި މީހަކު ފުރައްސާރަކޮށް، އަޑުގަދަކޮށް އުނދަގޫކުރަމުން ދިޔައިރުވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވާކަމަށް ބުނެ ގޮތްހުސްވެގެން އޭނާއަށް ޖެހުނީ ހަޅުތާލު ކުރާށް. އެކި ފަހަރު މަތިން އެތަކެއް މަސްތަކެއްވަންދެން އޭނާ އެ މައްސަލަ ޕޮލިހަށް ހުށަހެޅި.
މި ހާދިސާއިން ސީރިއަސް ސުވާލުތަކެއް އުފަންކުރުވާ. ރައްޔިތަކަށް ލިބޭ ތުރާލެއް ހައްލުވާންޖެހެނީ މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށް، ސީދާ ވަޒީރަކު ނުވަތަ ފުލުހުންގެ އެންމެ އިސްވެރިޔާ އެތަނަށް ހާޒިރުވެގެން ދޭ ޔަގީންކަމަކުންތޯ؟ އާންމު މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ނަގާނީ ކޮން ބައެއް ތޯ؟
ރައްޔިތުން ގޭ ދޮރުމަތީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަންދެން ނުތިބެ، މުއައްސަސާތައް އިސްނަގައިގެން މަސައްކަތްކުރަންޖެހޭ. ދިވެހި ކޮންމެ ދަރިއަކަށް ބިރަކާ ނުލައި ގޯޅިތަކުން ހިނގާފައި ސުކޫލަށާއި މިސްކިތަށް ދެވޭނެ އަމާން ވެއްޓެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު އެންމެ އިސް ވާޖިބެއް. ބުޅަލުގެ ސަބަބުން ނުރައްކާތެރި ބަލިތައް، އޭގެ ތެރޭގައި ލޯ އަނދިރިވެ ލޮލުގެ ފެނުން ގެއްލޭ ފަދަ ބަލިތައް ހިމެނޭ ހިނދު، މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ.
މިއީ ގިނަ ބަޔަކު ދަންނަ އަދި ނުރުހޭ އެހެނަސް ހައްލު ހޯދިފައި ނެތްކަމެއް. ފުލުހުން ބުނަނީ އެމީހުންނަށް ކުރެވޭނެ ކަމެއް ނެތޭ މިނިސްޓްރީއިން ވަކި ގޮތަކަށް އެންގީމައޭ ފުލުހުންނަށް ހައްލު ހޯދައިދެވޭނީ. ކުރިން ދެންނެވިހެން މިނިސްޓްރީއަކީ ފޯނު ނަގާތަނެއް ނޫން. މިނިސްޓްރީގައި އެކަމަށް ވަކި ހާއްސަ ޑިޕާޓްމަންޓެއް ހުރޭ. އެތަނުގައި ބޮޑު މުސާރަދީފައި ވެރިންނާއި މުވައްޒަފުންވެސް ތިބޭ. މިނިސްޓްރީއަށް އެންމެ ކުޑަމިނުން ފޯނަށް ޖަވާބު ނުދެވޭއިރު، ވަކި ރަށެއް ހަދައި އެރަށް މެނޭޖްކުރާނީ ކިހިނެތް؟ ބުޅާ ފެސިލިޓީއަށް ވީ ކިހިނެތް؟ އެތަނަށް ހަރަދު ކުރި ފައިސާ އިސްރާފުވެއްޖެ. ޒިންމާ ނަގާނީ ކާކު؟ އަޅާލަނީ ކާކު؟









ކޮމެންޓުތައް (0)