ފައިކުރި ފަލަ ފަޓުލޫނު އެކަންޏެއް ނޫން. ބަޅިނދު ހެދުމާއި އުސް ފައިވާނަކީވެސް އެއް ޒަމާނެއްގައި ޓްރެންޑެއް. އޭރު ރާއްޖޭން ބޭރަށް ދަތުރުކުރުމަކީ ފަސޭހަކަމެއް ނޫން. އެއީ 1970 ގެ އަހަރުތައް. މި ފެޝަންތައް އެކަމަކު ރާއްޖޭގައި ޓްރެންޑަކަށްވެފައިވާކަން ތާރީޚު ހެކިދޭ.

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ ބަޅިނދު ހެދުންލައިގެން ތިބި ދިވެހި ދަރިވަރުންތަކެއް އިސްކަންދަރު ސުކޫލުކައިރިން ހިނގާފައިދާ މަންޒަރު. މިއީ 1994 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށްވޭ.
ފައިކުރި ފަލަ ފަޓުލޫނު އޭރު ރާއްޖޭގެ ދެ ޖިންސުގެ މީހުންވެސް ލާ. 18 ވަނަ ގަރުނުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ނޭވީންގެ ޔުނިފޯމުގައި ފައިކުރި ފަލަ ފަޓުލޫނު އޭރު ބޭނުންކުރީ ބޯޓު މަތީގައި ތިބޭ އިރު ޔުނިފޯމް ހަޑިވެދާނެތީ އޮޅާލަން ފަސޭހައަށް ކަމަށްވޭ. ނޭވީންގެ އިތުރުން އާގު ބޯޓުގެ ފަޅުވެރިންވެސް ފަހުން ފައިކުރި ފަލަ ފަޓުލޫން ލާން ފަށައިފި.

ފޮޓޯ: ފައިކުރި ފަލަ ފަޓުލޫނު ލައިގެން ތިބި ޔޫރަޕުގެ ތިން ފިރިހެނަކު
1960 ގެ ތެރޭގައި ބޭނުންކޮށްފައިވާ ހެދުން ވިއްކާ ތަންތަނުގައި ބޯޓު ފަޅުވެރިންގެ ފަޓުލޫނު ވިއްކަން ހުރޭ. މި ފަޓުލޫނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ޒުވާނުން މި ފަޓުލޫނު ލާން ފަށައިފި. އޭގެ ފަހުން ހެދުން ވިއްކާ މަޝްހޫރު ފިހާރަތަކުންވެސް ފައިކުރި ފަލަ ފަޓުލޫނު ވިއްކަން ފަށައިފި. ފަހުން ޑިސްކޯ މިޔުޒިކް ބޭންޑުތަކުގައި މި ފަޓުލޫނު މަޝްހޫރުވި. ރާއްޖޭގެ ބޭންޑްތަކުގައިވެސް އޭރު މި ފަޓުލޫނު ބޭނުންކުރި.

ފައިކުރި ފަލަ ފަޓުލޫނު ލައިގެން ތިބި ޔޫރަޕުގެ ތިން އަންހެނަކު
މިހާރުވެސް ފައިކުރި ފަލަ ޖީންސް ހުރޭ. މިހާރު ކިޔަނީ "ބެލް ބޮޓަމް" އޭ. އަދި ފައިކުރި ފަލަ ހަރުވާޅުވެސް ހުރޭ. އެއަށް މިހާރު ކިޔަނީ " ޕަލާޒޯ". އިޓަލީ ބަސް ޕަލާޒޯގެ މާނައަކީ 'ޕެލަސް ނުވަތަ ގަނޑުވަރު". މިއީ ލައިގެން ހުންނައިރު ގަޔަށް ފަސޭހަ ހަރުވާޅެއް.

ޕަލާޒޯ ހަރުވާޅެއް
މިހާރުވެސް ޕަލާޒޯ ހަރުވާޅު ދިވެހިރާއްޖެއިން ފެނޭ. ޕަލާޒޯ ހަރުވާޅުގެ އިތުރުން ފެޓް ޕޭންޓްސްއަކީވެސް މި ފަހަކުން މަޝްހޫރުވި ވައްތަރެއް.

ފޮޓޯ: ފެޓް ޕޭންޓެއް ލައިގެން ހުރި މީހެއް
މިފަދަ ފެޝަންތަކަކީ ބައެއް ފަހަރު ފިލްމުތަކުން ނުވަތަ މިއުޒިކް ބޭންޑުތަކުން ގެނުވާ ފެޝަންތަކެއް. އެކަމަކު ފައިކުރި ފަލަ ފަޓުލޫނުގެ ތާރީޚު އެއޮތީ މަތީގައި ބަޔާންކުރެވިފައި.
ތިރީގައި މި ވަނީ ބެލް ބޮޓަމް ޖީންސެއްގެ ފޮޓޯ

މިފަދަ ފެޝަންތައް އޭރު ރާއްޖެއައި. ފަހުން ރާއްޖެއަށް ސާރީ ހެދުން މަޝްހޫރުވީ ބޮލީވުޑްގެ ފިލްމުތައް އަޅުވަންފެށިފަހުން. ބޮލީވުޑްގެ ފިރިހެން ތަރިންގެ ހެޔާސްޓައިލް ގިނަ ދިވެހިން އޭރު ބެހެއްޓީ. އަޖޭ އާއި ސަންޖޭދަތުގެ ހެޔާސްޓައިލް އެއް ދުވަސްވަރެއްގައި ވަރަށް މަޝްހޫރުވި.

ފޮޓޯ: އަތް ފުފިފައިވާ ބަޅިނދު ހެދުމެއް ލައިގެން ހުރި އަންހެނަކާއި ފައިކުރި ފަލަ ފަޓުލޫނެއް ލައިގެން ހުރި ފިރިހެނެއް
އަންހެން ތަރީންގެ ހެދުންތައް ރާއްޖޭގެ އަންހެން ކުދީންގެ މެދުގައި މަޝްހޫރުވި. ފަހުން ޓޮޕާއި ޖިންސުލީ ހޮލީވުޑްގެ ފިލްމުތައް މަޝްހޫރުވި ހިސާބުން. އޭގެ ފަހުން އިސްލާމީވަންތަ ހެދުން އާންމުވެގެން ދިޔައީ. އިސްލާމީ ވަންތަ ހެދުން ރާއްޖޭގައި މަޝްހޫރުވި ގޮތުގެ ވާހަކަ ނުދައްކާ މި ލިޔުން ނިންމާލީމާ ކަމަކު ނުދާނެ. އެކަން ވީ ގޮތަކީ މަޝްހޫރު އަލީ ރަމީޒުގެ އަޑުން ނެރުނު ސީޑީތަކެއް ރާއްޖޭގެ ގިނަ ބަޔަކު އަޑުއެހި. އެއީ އައުރަ ނިވާކުރުމާބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ސީޑީތަކެއް. އަލީ ރަމީޒުގެ ރީތި އަޑު އަހާލަން ރާއްޖޭގެ ގިނަ އަންހެން ކުދިން އަބަދުވެސް ބޭނުންވޭ. އެ ދުވަސްވަރު އިންޓަނެޓް ނުލިބޭ މިހާ ފަސޭހައިން. އޭރު ހުންނަނީ ފްލޮޕީ ޑިސްކު ކިޔާ އެއްޗަކާއި ދެން ފަހުން ސީޑީ. އަލީ ރަމީޒުގެ އެ ނަސޭހަތް އަޑުއެހުމަށްފަހު ގިނަ ބަޔަކު އިސްލާމީ ހެދުން ލާން ފެށި. ގިނަ ބަޔަކު އިސްލާމީ ހެދުންލުމުގެ ސަބަބުން އެ ހެދުން އާންމުވި. މިއީ ގެނެވުނު އިންގިލާބީ ބޮޑު ބަދަލެއް. ދީނީ ނަޒަރަކުން ބެލިކަމުގައިވިޔަސްމެ.

ފޮޓޯ: ފައިކުރި ފަލަ ހަރުވާޅު ލާފައި ތިބި ދިވެހި ކުދިންތަކެއް މީގެ 35 އަހަރަށްވުރެ ކުރިން.
މިހާރު އެންމެ ގިނަ ދިވެހި އަންހެނުން ލާ ހެދުމަކީ އަބާޔާ ނުވަތަ އެފަދަ ހެދުމެއް. ފިރިހެނުން ލަނީ ގަމީސް ނުވަތަ ޓީޝާޓެއް. ދިވެހި ފިރިހެނުންނަކީ އެއްވެސް އިރެއްގައި އެހާ ފެޝަނަށް ލޯބިކުރި ބައެއް ނޫން.









ކޮމެންޓުތައް (0)