ރާއްޖޭގައި ދެ މީހަކު ކައިވެނިކުރަނީ ހިތާވެގެން. އާއިލާއިން މަޖުބޫރުކޮށްގެން ކުރާ ކައިވެނި ނިސްބަތުން މަދު. ސުކޫލު ދުވަސްވަރު ފެށޭ ގުޅުމަކުން ކައިވެންޏާ ހަޔަމަށް ގޮސް ބޮޑު ހަފުލާ ބާއްވާ ކައިވެނިކުރޭ. ކައިވެނި ކުރުމުގެ ކުރިން އުޅެނީ ނުހަނު އެކުވެރިކަމާއެކު. ކައިވެނިކުރުމާއެކު ކުއްލިޔަކަށް ހާލަތު ބަދަލުވޭ. މައްސަލަޖެހި ކައިވެނި ރޫޅާލާ. މިއީ ދިވެހިންނަށް މާ ބޮޑު ކަމަކަށް ނުވޭ. އެކި ފަހަރު އެކި މީހުންނާ އިނދެ ކުދިން ހޯދާ. ފަހުން އެކުދިންނަށް މައިންބަފައިންގެ އަޅާލުން ނުލިބި ގޯސް މަގުންދޭ.
މިކަމަކީ ވަރަށް ސީރިއަސް މައްސަލައަކަށްވާއިރު ދިވެހި ފިރިހެނުންވެސް އަދި އަންހެނުންވެސް މިކަމާ ސީރިއަސް ނުވޭ. ދިވެހި ފިރިހެނުންނަކީ ރިލޭޝަންޝިޕަށް ކޮމިޓް ބައެއް ނޫން. ކައިވެންޏަށްފަހުވެސް އުޅޭނީ އެއް ކޮފީއިން އަނެއް ކޮފީގައި. ދިވެހި އަންހެނުންގެ ތެރެއިން ފިރިންނަށް އިހްތިރާމުކުރަނީ މަދު ބައެއް. 2024 ވަނަ އަހަރު އާއިލާއާބެހޭ ކޯޓުގެ ގާޒީއަކު ބުނެފައިވޭ "ފިރިންގެ ޝަކުވާއަކީ އަނބިން އެމީހުންގެ ބަސްގަބޫލުނުކޮށް ދާކީތާވުމާއި، އިހުތިރާމްނުކުރުން. އަނބިންގެ ޝަކުވާއަކީ ފިރިން އެމީހުންނާއެކު ވަގުތު ހޭދަނުކޮށް ރަހްމަތްތެރިންނާއެކު އަބަދު ބޭރުތެރޭގައި އުޅޭތީ އާއި ޓޯކްކުރަން ފުރުސަތު ނުދިނުން" މައްސަލަދިމާވާ މިނޫންވެސް އެތައް ސަބަބެއް އޮވޭ. ބައެއް ސަބަބުތައް މި ހާމަކޮށްލަނީ.
1) ކޯޓު މެދުވެރިކޮށް ވަރިވުމަކީ ރާއްޖޭގައި ވަރަށް ފަސޭހަކަމަކަށްވެފައި އޮތުން.
2) ވަރިވުމަކީ ނުރަނގަޅު ކަމަކަށް ދިވެހިން ނުދެކޭ.
3) ބޯހިޔާވަހިކަމާއި މާލީ ދަތިކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހުން. މާލޭ ސަރަހައްދުގައި ދިރިއުޅޭ 85 އިންސައްތަ މީހުން ދިރިއުޅެނީ ގޭތެރެ ތޮއްޖެހި.
4) ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަތްމަތިދަތިވުން. މިހާލަތުގައި ފިރިމީހާއަށް ކުރާ އިހުތިރާމު ދަށްވުމާއި، އަނބިމީހާ ވަޒީފާއަކަށް ދާން މަޖުބޫރުވެ، ވަޒީފާގެ މާހައުލުގައި ދިމާވާ ނުތަނަވަސްކަން ގޭތެރޭގެ މާހައުލާ ހަމަޔަށް އައުން.
5) ދެމަފިރިންގެ ދެމެދުގައި ވާހަކަ ދެއްކުން މަދުވުން. ގިނަ ދިވެހި އަންހެނުންނަކީ ވާހަކަ ގިނަ ބައެއް (ނުވަތަ ބައެއް ފިރިހެނުން މާނަކުރާ ގޮތުން ޝަކުވާ ގިނަ ބައެއް). ގިނަ ދިވެހި ފިރިންނަކީ އަނބިންގެ ވާހަކަ ކަނުލާ އަޑުއަހާ ބައެއްނޫން. މިހެންވުމުން މައްސަލަ ހައްލުނުކުރެވޭ.
6) އެކަކު އަނެކެއްގެ އާއިލާއަށް އިހުތިރާމު ނުކުރުން
7) ކައިވެނިން ބޭރުން ސިއްރުގުޅުން ބާއްވައި ބޭވަތެރިވުން.
8) ކައިވެނީގެ މުގައްދަސް ގުޅުމާބެހޭ ގޮތުން ތަރުބިއްޔަތު ލިބިފައި ނެތުމާއި، މިފަދަ ކަންތައްތައް މައިންބަފައިންގެ ފަރާތުން ކިޔައިދީފައި ނެތުން. ދިވެހިންނަކީ ނިސްބަތުން ދީނީ ކަންތައްތަކާ ދުރު ބައެއް. މިސްކިތްތައް އަޅާ ނިސްބަތް އިތުރުވާ އިރު މިސްކިތެއްގެ 3 ސަފަށްވުރެ އިތުރަށް ނުފުރޭކަމީ މީގެ ހެއްކެއް.
9) ރިސޯޓު ވަޒީފާ ފަދަ ރަށުން ބޭރުގައި ގިނައިން އުޅެންޖެހޭ ފަދަ ހާލަތްތައް ދިމާވެ ދެމީހުންގެ ގުޅުން ހީނަރުވެ، އެކަކު އަނެކަކަށް ޝައްކުކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުން.
10) ހަތަރު އަނބިން ހުއްދަވާތީ، ޝަރުތު ފުރިހަމަ ނުވިޔަސް ބައެއް ފިރިހެނުން ދެވަނަ ކައިވެންޏެއް ކުރުމުގެ ސަބަބުން، ދެ އަނބިންނަށްވެސް އަޅާނުލެވޭ މައްސަލަ.
ވަރިވުމަށްފަހު ދެން ދިމާވާ ކަންތައްތަކީވެސް ސަހަލު ކަންތައްތަކެއް ނޫން. ދަރިންގެ ބައްޕައަށް ދަރި ނުދެއްކުމާއި، ބައްޕައާ މެދު ދަރިންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ދޮގު ވާހަކަ ދެއްކުމާއި، ބައްޕައިން ދަރިންނަށް ހަރަދު ނުދޭ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމު މައްސަލަތަކެއް.
ދަރީގެ ބައްޕައަށް ދަރިއާ ބައްދަލުނުކުރެވޭ ގޮތަށް ބައެއް މީހުން ހަދަނީ، ކައިވެނީގައި މައްސަލަ ޖެހުނު ހިސާބުން އުފެދުނު ނަފުރަތުގެ ސަބަބުން. ހަމަ މިފަދައިން، ދަރިންގެ ހަރަދު ބައެއް ބައްޕައިން ނުދެނީ އެފަދަ ނަފްރަތުގެ ސަބަބުން. ނަމަވެސް، މިއީ މިކަން ކުރަންޖެހޭ ގޮތެއް ނޫންކަން ގަބޫލުކުރަންޖެހޭ.
ވަރިވުމަށްފަހު ދަރީގެ ބައްޕައާއެކު އޭނާ ދިރިއުޅޭ ގެޔަށް ގެންދިއުމުން ދޮންމަންމަގެ އަނިޔާ ދަރިފުޅަށް ލިބޭ ކަމަށް މިފަހަކުން މަޔަކު ބުނެފައިވޭ.
ދާދި އިހަކަށްދުވަހު އަންހެނަކު ކިޔައިދިން.
ދަރިފުޅުގެ ބައްޕަ މަގުމަތިން ދަރިފުޅަށް ފެނުނު. އެކަމަކު ދަރިފުޅަށް ގޮވާވެސް ނުލާ މޫނު އަނބުރާލާފައި ދިޔައީ. ބައްޕައާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ވަރަށް ދެރަވެފައި ދަރިފުޅު ކިޔައިދިން.
ކުއްޖާގެ ބައްޕަ ބުނެފައިވަނީ
އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް. ދަރިފުޅާ ބައްދަލުކުރުމަށް މަސައްކަތްކުރާތާ 2 އަހަރުވެފައިވާއިރު އެކަމަށް ކުއްޖާގެ މަންމަ އަބަދުވެސް ހުރަސްއަޅަމުންދޭ
މިފަދަ ކަންކަން ދިމާވަނީ ވަރިވުމުގެ ސަބަބުން. ތަސައްރަފު ފުދިފައިވާ ދެ މީހެއްގެ ދެމެދުގައި އުފެދޭ ރުޅިވެރިކަމަކުން ހުރިހާ ގެއްލުމެއް ލިބިގެންދަނީ އެއްވެސް ކުށެއްނެތް އެ ދެމީހުންގެ ދަރިފުޅަށް. ލޯބިން ކުރާ ކައިވެނި ނަފުރަތަށް ބަދަލުވުމަކީ މި ގައުމުގައި އާންމުކަމަކަށްވެ ދަރިފަސްކޮޅު ހަލާކުވެގެން ދާއިރު މާ ބޮޑުކަމަކަށް ނުހަދާ މި ތިބެނީ ކީއްވެ؟









ކޮމެންޓުތައް (0)