މީގެ އެތަކެއް އަހަރުތަކެއް ކުރިން ރަށްރަށުގައި އެކަނި ބޭރަށް ދިއުމަކީ އެއްވެސް ނުރައްކަލަކާ ކުރިމަތިލާންޖެހޭކަމެއް ނޫން. ނަމަވެސް މިހާރު ރަށްރަށުގައިވެސް ކުދިން އެކަނި ބޭރުތެރޭގައި އުޅުން ރައްކާތެރިއެއް ނޫން. ހާއްސަކޮށް މާލެ ހުޅުމާލޭގައި ކުދިން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު. ފެންމަތިވާ މައްސަލަތަކަށް ބަލާއިރު، ބުލީގެ ޝިކާރައަކަށްވުމާއި، އެހެން ކުދިންނާއެކު ގުރޫޕުހަދައި ބުލީކުރާ ކުއްޖަކަށްވުންފަދަ ކަންތައް މިހާރު ވަރަށް ބޮޑަށް އާންމުވެއްޖެ. އަހަރެމެންނަށް ނޭނގި އެތައް ކުދިންނެއް ބުލީގެ ޝިކާރައަކަށްވަނީ އެކަނި ނިކުމެ އުޅޭ އުޅުމުގައާއި ސުކޫލުގެ މާހައުލުގެ ތެރޭގައި. ސުކޫލުގެ ތެރޭގައި ދިމާވާ މިފަދަ ކަންތައްތަކުގައި ސުކޫލުގެ މެނޭޖްމަންޓްތައް ނުވަތަ ޓީޗަރުންނަށް ހައްލު ނުހޯދޭކަން ފާހަގަކުރެވޭ. މިކަންކަމުގައި ހައްލުހޯދުމަށް ޓީޗަރުންނަށް އޮތް ހުރަހަކަށްވެފައި އެބަހުރި ތައުލީމީ ދާއިރާގެ ސިޔާސަތުވެސް.
ހުޅުމާލެ ފޭސް 2 ގެ ޕާކުތެރޭގައި ބޮޑު ޓީޝާޓުލައި ކަރުގައި ޗޭނުއަޅުވާފައިތިބޭ އުމުރުން ހަނގު ކުދިން ގުރޫޕު ހަދާފައި އުޅޭ. އެތަނުގައި ބެލެނިވެރިން ނެތި އެކަނި އުޅޭ ކުދިން މި ފަދަ ގުރޫޕުތަކުގެ ޝިކާރައަކަށްވޭ. މިފަދަ ގުރޫޕުތަކާ ގުޅޭ ކުދިންވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން. މަންމައާ ބައްޕަ ވަޒީފާގައި ނޫނީ އެހެން ކަމެއްގައި ތިބެނީ ބިޒީވެފަ. ނޫނީ ދެމީހުން ވަރިވުމުގެ ސަބަބުން ކުދިންނާ އަޅާނުލެވެނީ.
މިއަދު ސޯޝަލްމީޑިޔާގައި ދައުރުވި ވިޑިޔޯއަކީ ރެހެންދި ސުކޫލުގެ ދަރިވަރުންގެ ގުރޫޕަކުން އެކަނި ހުރި ކުއްޖަކަށް ބުލީކޮށް އަނިޔާކުރި މަންޒަރު ދައްކުވައިދޭ ވިޑިޔޯއެއް. ބުލީކުރި ކުދިންނަށް ހަރުކަށި އަދަބުދިނުމަށް ގިނަ ބަޔަކު ކޮެމެންޓުކުރި.
އަހަރެންނަށް ޔަގީންވި ކަމެއް އެބައޮތް. ބުލީކުރި ކުދިން ތަރުބިއްޔަތު ކުރުމުގައި އެކުދިންގެ މައިންބަފައިން އިހުމާލުވެއްޖެކަން. އޭގެ އިތުރަށް އަހަރެންގެ ހިތަށް އެރި. ބުލީގެ ޝިކާރައަކަށްވި ކުއްޖާ އެތަނުގައި އެކަނި ހުރެ، އޭނާ ބުލީގެ ޝިކާރައަކަށްވި އިރު އޭނާއަށް ރައްކާތެރިކަންދޭންޖެހޭ އޭނާގެ މައިންބަފައިން ވީ ކޮންތާކު؟ އޭނާ އެތަނަށް އެކަނި ދިޔައީ ކީއްކުރަން؟
މިރާއްޖޭގައި ކަމެއް ހިނގާއިރަށް ވިޑިޔޯކޮށް ސޯޝަލް މީޑިޔާއަށް ލުމަކީ ވަރަށް އާންމުކަމެއް. ޕޭޖުތައް ހިންގާ ފަރާތްތަކުން މިކަންކުރަނީ ވަރަށް ޒިންމާދާރުކުޑަކޮށް. ކުޑަކުދިންތަކެއްގެ ވިޑިޔޯ ޕޭޖުތަކުގައިލީ ކަމުގައި ވިޔަސް އެ ފަދަ މައްސަލަތަކުގައި ހައްލުނުލިބޭ. ބައެއް މީހުން ބުނާ ގޮތުން ތަންފީޒީ މުއައްސަސާތައް ނުހިނގާ. ހެންވޭރުގެ މަގެއްގައި ތަކުރާރުކޮށް މީހުންނަށް ފުރައްސާރަކުރާ މީހެއްގެ ވިޑިޔޯވެސް ސޯޝަލްމީޑިޔާއަށް ލީ މިއަދު. އެ މައްސަލަ ތަކުރާރުކޮށް ޕޮލިހަށް ހުށަހަޅައިގެންވެސް ހައްލު ހޯދިފައި ނުވާ ކަމަށް ބުނެ ރިޕޯޓުކުރި ފަރާތުން ޕޮލިސް އޮފީހުގެ ތެރޭގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިކަމުގެ ހަބަރު ލިބުމުން ހިތަށް އެރީ މިގައުމު ފެއިލްވެފައި މިއޮތީ ހާދަހާވާ ބޮޑަށޭ. ވެރިން ހުއްޓުމެއްނެތި ދުލަށް އައިހާ ވައުދެއްވަމުން ރައްޔިތުން ގުނބޯ ހައްދަމުން ދާއިރު، ގައުމުގެ ކަންކަން މިދަނީ ބޮއްސުންލައިގެން.
ސުކޫލަށް ކުދިން ފޮނުވަނީ މަޖުބޫރުވެގެން ކަމުގައި ގިނަ ބެލެނިވެރިން ބުނާ އަޑުއިވޭ. ސުކޫލު މާހައުލުގައި ރައްކާތެރިކަން ނުލިބޭ. ޓިއުޝަން ކުލާސްތަކުގެ ތެރޭގައިވެސް ބުލީކުރުމުގެ އެތައްކަމެއް ކޮންމެ ދުވަހަކުހެން ހިނގާ. ޖީލެއްގެ މުސްތަގުބަލު ހަލާކުގެ ތެރެއަށް ވެއްޓިގެން ދާއިރު މިކަމާގުޅޭ ގޮތުން އަހަރެމެންގެ ވެރިންނަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފެދޭ. މިއީ ވަރަށް މުހިންމު ސީރިއަސް ސުވާލެއް.






ކޮމެންޓުތައް (0)