ޒަމްޒަމް ފާރިޝްގެ ފޭސްބުކު ޕޯސްޓުގައި ލިޔުއްވި "އަޅުގަނޑަށް އިންޒާރު ނުދެއްވާށެވެ! ޢިލްމީ ގޮތުން ވާހަކަ ދައްކަން ބަހީއެވެ!"
އޭނާ ބުނީ ރަސްމާލޭގެ މައްސަލާގައި ކަންބޮޑުވަނީ އެކަމާގުޅޭ ގޮތުން އެތަކެއް ދިރާސާއެއް ހަދާފައިވާތީ ކަމަށް. އެކަމާގުޅޭ ގޮތުން ދައުލަތުގެ އެކި އެކި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް ބުނި.
"ވިސްނާލާށެވެ. 30000 ބިދޭސީ މަލްޓި މިލިއަނަރުންނާއި އެތަނުގައި މަސައްކަތްކުރަން ޤާއިމުވެ ޢާއިލާތަކާ އެކު ވަޒަންވެރިވާނެ އެތައް ހާސް "ލާ ދިވެހި" މުވައްޒަފުންގެ ސެކިއުރިޓީގެ ކަންކަން އަދިވެސް ކަނޑަނޭޅޭ ކަމީ ހައިރާންވާޖެހޭ ވަރުގެ ކަމެއް ނޫންތޯއެވެ؟ އަދި ދިވެހި ނަސްލަށް ނިސްބަތް ނުވާ، ދިވެއްސަކަށް ނުވާ، ދިވެހި ބަސް ވެސް ނޭނގޭ، ދިވެހިރާއްޖޭގައި ޒަމާންތަކަކަށް އުޅެފައި ނުވާ، ދިވެހިރާއްޖެއަށް މިހާތަނަށް އެހީއެއް ވެފައި ނުވާ، ދުވަހަކު ނުވެސް ދެކޭ، އަލަށް ދިމާވެގެން އުޅޭ، މާދުރުގައި ވަޒަންވެރިގެން އުޅޭ، މުޅިން އެހެން ޤައުމެއްގެ ރައްޔިތެއް ކަމުގައިވާ ބިދޭސީ ބިލިއަނަރެއްގެ އަތްމައްޗަށް، ދިވެހިރާއްޖޭގެ މެދުން ހުޅުމާލެ 1 2 3 ގެ ބިމަށް ވުރެ ބޮޑު ބިމެއް، އެއް ޤަރުނަށް ދޫކޮށްލައި، އެތަނުގައި ސެކިއުރިޓީ ވެސް އޭނާ ބަލަހައްޓަން ޖެހޭ ގޮތަށް، ހަދިޔާކުރުމަކީ ކޮންފަދަ ބިރުވެރި ކަމެއްކަން ހިތަށްވެސް ނާރަނީތޯއެވެ؟" އޭނާ ބުނި.
އިލްމުވެރިންގެ ގުޅުމުން މިހާރުވަނީ 100 ވަރަކަށް ގިނަ ސަފްހާގެ ރިޕޯޓެއް ތައްޔާރުކޮށްފައިކަމަށް އޭނާ ހާމަކުރި.
މިއަދު ބާރު އޮތަތީ އިންޒާރުދެވިދާނެ. ޖަލަށްވެސް ލެވިދާނެ.
އަހަރެންގެ ހަނދާނަށް އައީ 'ކޮންފެޝަންސް އޮފް އެން އިކޮނޮމިކް ހިޓްމަން" ކިޔާ ފޮތެއްގައި ބަޔާންކުރެވިފައިވާ ހަގީގީ ހާދިސާތަކެއްގެ މަތިން. އެންމެ މުގައްދަސް ބިންކަމުގައިވާ ސައުދީ އަރަބިޔާގެ ބިމުގައި އެމެރިކާގެ އަސްކަރިއްޔާ ސަވާރުވެ ތިބޭ ގޮތަށް މެދުވެރިވީ އެއްވެސް ބަޑިއެއް ބޭނުންކޮށްގެން ނޫންކަމަށް އޭނާ އެ ފޮތުގައި ލިޔެފައިވޭ. އެކަން ކުރުމުގައި ވާސިލުވީ އެމީހުންގެ ސިކުނޑިއަށް ކަމަށް އޭނާ ލިޔެފައިވޭ.
ރަސްމާލޭގެ މައްސަލާގައި ވޯޓަށް މާރުކުރެވިފައިވާ ވަޒީފާތަކުގައި ތިބި ބައެއް ފަރާތްތަކުން ބުނަނީ ބޯކޮށް ޑޮލަރުލިބޭނެކަމަށް. އަހަރެންގެ ހިތަށް އަރަނީ އެތަކެއް ރިޒޯޓެއް މިހާރުވެސް ހިންގާއިރު ބޯކޮށް ޑޮލަރު ލިބި، ޑޮލަރުގެ އަގު ތިރި ނުވަނީ ކީއްވެގެންހޭ؟ ޑޮލަރަށް ގައުމު ވިއްކާލީތޯ؟ ގައުމާއި ދީނާއި ވަހުދަތޭ ބުނި ހަނދާން ނެތީބާއޭ.
އޭނާގެ އެހެން ޕޯސްޓެއްގައި ލިޔެފައިވޭ "ޤާރޫނުގެ ތަރައްޤީއާއި މުއްސަނދިކަން ފެނިފައި ބަނޫ އިސްރާއީލުންގެ ތެރެއިން އީމާންވީ ބަޔަކު އެއަށް ހެއްލުނެވެ. އަދި އެފަދަ މުއްސަނދިކަމަށް އެދިއެދި ތިއްބެވެ. ނަމަވެސް ތެދުވެރި ޢިލްމުވެރިން އެކަމަށް އިންކާރުކޮށް އެބައިމީހުންނަށް ނަސޭޙަތް ދިނެވެ. އަދި އީމާންވީ މީހުން، ޤާރޫނުގެ ތަރައްޤީއާއި މުއްސަނދިކަމަށް ނޭދުމަށް އެދުނެވެ.
މިއަދު މި ފެންނަނީ ރަސްމާލެ އަލައްބާރަށް ދެނޭން ބޭނުންވަނީ ހަމަ އެ ބަހަނާގައި ކަމަށް ބުނާ މަންޒަރެވެ. ތަރައްޤީއާއި މުއްސަނދިކަން އެދިގެންނެވެ. ނަމަވެސް އޭނާގެ ތަރައްޤީގެ ފަހަތުން އަންނަނީ ކޮންފަދަ ފިތުނަތަކެއް ކަމަކާ މެދު އެބައިމީހުން ނުވިސްނައެވެ. އިހު އިސްލާމީ ޤައުމުތަކުގެ ގޮތުގައި އޮތް ޤައުމުތަކަށް ވެގެންދިޔަ ގޮތެއް ނުބަލައެވެ. އެބައިމީހުން ބޭނުންވަނީ ވަގުތީ މުއްސަނދިކަމެވެ. ލައްޒަތާއި ޢިއްޒަތެވެ. މި އިސްލާމީ ބިމަށް ފަހުން ލައިގަންނާނެ ފަސާދައާއި ފިތުނަވެރިކަމަކާ މެދު ނުވިސްނައެވެ. ބުނެދިނަސް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. އާޚިރުގައި މާތް ﷲގެ ކޯފާ އަންނާނެ ގޮތް ހިތަށް ވެސް ނުހެނެވެއެވެ."
ޒަމްޒަމް ފާރިޝްއަކީ ދީނާއި ގައުމާ ގުޅުން ހުރި ކަންކަމުގައި ކެރިހުރެ ބަސްބުނާ އިލްމުވެރިއެއް. އޭނާގެ ލިޔުން ނިންމާލީ ﷲއަށް ބިރުވެރިވުމަށް މިނިސްޓަރަށް ނަސޭހަތް ދީފައި.









ކޮމެންޓުތައް (0)