މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި.
ހަމައެއާއެކު، ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް ވެސް އެލަވަންސެއް އިތުރުކުރަން ކޮމިޓީއަށް ހުށަހެޅި. އެއީ 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރުމަށް.
އެ ހުށަހެޅުމާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ދަނޑިވަޅުގައި އެ ބަދަލު ގެންނަން ތާއިދުނުކުރައްވާ ކަމަށް.
"މިހާރު ވިސްނަން ޖެހޭނެ ރާއްޖެ މި އޮތް ހާލަތަށް، ދުނިޔެ މި އޮތް ހާލަތަށް، އެހެންވީމަ ދައުލަތުގެ ބަޖެޓަށް ތީގެއިން އެތައް ބައިވަރު އިމްޕްލިކޭޝަން އަންނާނެ،" އޭނާ ވިދާޅުވި.
އެހެންނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަދަލުތައް ގެންނަން ފާސްކޮށްފައި.
ބައެއް މުސާރަތައް ބޮޑުކޮށްފައި މިވަނީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު އިތުރުވުމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގަައި. އެގޮތުން މި މަހުގެ 15ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއާއި، ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވަނީ، މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކާ.
ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެ، އޭގެ ބުރަ ބޮޑުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ކަމާ ގުޅޭ މާހިރުން ގޮވާލަމުން އަންނަތާ ވަނީ އަހަރުތަކެއް ވެފައި.
ވެރިންގެ ޖީބަށް ގިނަ ފައިސާ ވައްދަމުން ދާއިރު، އާންމު ރައްޔިތުމީހާ އުޅެންޖެހިފައިވަނީ ވަރަށް ދަތި ހާލުގައި އަތްމަތި ދަތިކޮށް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ވިޔަފާރިއާއި މުދާ އެތެރެކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ދަނީ ޑޮލަރުގެ ރޭޓު މަތިވުމުގެ ސަބަބުން ވަރަށް ދަތިވެފައި.
ޓީޗަރުންނާއި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން ދެކޮޅު ނުޖެއްސޭއިރު ސިޔާސީ ވެރިންނާއި، ޕާޓީގެ މެންބަރުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރަމުންދާތީ، މި ސަރުކަރަށާއި މުއިއްޒަށް ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައި.









ކޮމެންޓުތައް (0)