މިއަދު ބޭއްވުނު ޕެނެލްގައި، މި ހަރަކާތް ފަށަން މިޖެހުނީ ދިވެހީންނަށް ބޯހިޔާވަހިކަން ދިނުމަށް މާލެއާއި ނުހަނު ކައިރީގައި އޮތް ރަސްމާލެ ޒަޔަނިސްޓުންނަށް ވާގިވެރިވާ އަލައްބާރަށް ދޭން ނިންމާފައިވާތީކަމަށް މަލީހު ޖަމާލު ވިދާޅުވި. ޝެއިހް އިމްރާނާއި އުސްތާޛު އަލީ ހުސައިންވަނީ މިކަމާމެދު ކަންބޮޑުވާ ކަމަށް ފާހަގަކޮށްފައި.
ރައްޔިތުން ކަން ބޮޑުވަނީ މިރާއްޖޭގެ އިސްތިޤްލާލާއި ދީނަށް އަސަރު ފޯރާގޮތަށް މިކަން ކޮށްފައިވާ ކަމަށާއި، މަދު ދިރުހަމް ކޮޅަކަށް ރާއްޖޭ ބޮޑު ބައެއް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް. ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން ކެނޑިނޭޅި ޝަހީދުކުރުމުގައާއި، ގެދޮރުތައް ނައްތާލުމަށް އަބަދުމެ ކުރަމުންދާ ޒަޔަނިސްޓުންނަށް ވާގިވެރިވާ މީހަކަށް މި ރާއްޖޭގެ ބިން ވިއްކާލާއިރު ރައްޔިތުން ބަލަން ނުތިބޭނެކަމަށް. މިގައުމުގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ދޭން ރައްޔިތުން ދެކޮޅުކަމަށް ޕެނަލްގެ މެންބަރު ހާމަކުރި. އީގަލް ހިލްސްއާއެކު ކޮށްފައިވަނީ ސިއްރު އެއްބަސްވުމެއް ކަމަށާއި، އެކަން ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްވެސް ވިދާޅުވި.
މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫން. ތަކުރާރުކޮށް ދޮގު ހަދަމުންދާތީ އޭނާއަށް ނިސްބަތްކޮށް "ކައްޒާބު"އޭ ރައްޔިތުން ކިޔާ އަޑު އިވެނީ މަދުންނެއް ނޫން. އެތަކެއް ސަފްހާގެ ވައުދުނާމާއެއް ލިޔެ އެ ފޮތް ބަހާފައިވާއިރު، އޭގެ އެއްވެސް ކަމެއް ކުރުމަކާ ނުލައި ކޮންމެ ޕޮޑްކާސްޓެއްގައި ނުވަތަ ކޮންމެ ނޫސްވެރިޔަކާ ބައްދަލުވާ ހިނދު މަތިމައްޗަށް ވައުދުވެ ރައްޔިތުން ގުނބޯހައްދަން މަސައްކަތްކޮށްފައިވާ ކަމަށް މީހުން ދެކޭ.
ގާނޫނީ މާހިރެއްކަމުގައިވާ އުސްތާޛު އަލީ ހުސައިން ވިދާޅުވީ، މިކަމާ ގުޅޭ ފުރިހަމަ ގާނޫނީ ފްރޭމްވަކްއެއް ނެތި މިކަންކޮށްފައިވާ ކަމަށް ދައުލަތުގެ ބަންޑާރަނައިބުވެސް ވިދާޅުވެފައިވާކަމަށް.
ރާއްޖޭގެ މަޝްހޫރު މާލީ މާހިރެއް ކަމަށްވާ ޒަރިޔަންދު ވިދާޅުވީ، މި ބިން ވިއްކާފައިވަނީ ނުއަގުގައި ކަމަށާއި، ރައްޔިތުންނަށް މިކަމުން އިންތިހާއަށް ގެއްލުންވާނެކަމަށް. ކުރިޔަށް އޮތް އެތަކެއް އަހަރުތަކުގައި މިކަމުގެ ސަބަބުން އެތަކެއް މިލިޔަން ރުފިޔާގެ ގެއްލުންވެގެން ދާއިރު، ބޮޑުންގެ ޖީބަށް ފައިސާ އަޅައި ކޮރަޕްޝަންގެ ތެރެއިން މިކަންކޮށް، އަދި މިކަމާގުޅޭ މައުލޫމާތު ފޮރުވާފައިވާކަމަށް. އަދި އަލައްބާރަކީ އެހެން ގައުމުތަކުގައި ކުރި ވިޔަފާރިކުރުމުގައި އެ ގައުމުތަކަށް ގެއްލުންވާ ގޮތަށް ކަންކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށާއި، މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އަލައްބާރުގެ އައުވާނުންނަށް ވިސާ ދޭ ހިސާބުން މިތަނުގައި ދާއިމަށް ވަޒަންވެރިވެ ތިބުންކަމަށް. ދިވެހިރާއްޖެއަށް ދިވެހީންގެ އަދުއްވުން އަބަދުވެސް ކަޅިއަޅައި ފާރަލަމުންދާކަމަށާއި، މިގައުމުގެ އިސްތިގްލާލާއި ދީނީ ވަހުދަތަށް ނުރައްކާ ވާކަމެއްގައި ރައްޔިތުން ހަނުތިބެގެން ނުވާނެކަމަށް އުސްތާޛު އަލީ ހުސައިން ވިދާޅުވި.
މިކަމުގައި ފަސޭހަގޮތަކަށް ދޫނުދެއްވާނެކަމަށް ވިދާޅުވަމުން ޝެއިހް ވިދާޅުވީ އެންމެ ރަނގަޅުވާނީ މުއިއްޒު މި ޖަރީމާ ހުއްޓާލުމަށް. މި ގައުމީ ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށާއި، ވިޔަފާރިވެރިންނާއި، ޖަމްޢިއްޔާތަކާއި އާންމު ފަރުދުން މުއިއްޒު ހިންގަމުންދާ ޖަރީމާއާ ދެކޮޅަށް ސާބިތުވެ ތިއްބެވުމަށް ޝެެއިހް އެދިވަޑައިގެންނެވި. އަދި ޒަޔަނިސްޓުންގެ ކިބައިން މިގައުމު ސަލާމަތްކުރުމަށް ހިމޭން އިހުތިޖާޖެއް ކުރާނެކަމަށާއި، ސީދާ ހަރަކާތައް ނިކުންނާނެކަމަށް ވެސް ޝެއިހް ވިދާޅުވި.









ކޮމެންޓުތައް (0)